ޕޯސްޓް އޮޕަރޭޓިވް ޑިލީރިއަމް

ލީރިއަމް އަކީ ކޮބާ؟

ޑިލީރިއަމް އަކީ، މަދު ވަގުތުކޮޅެއް ނުވަތަ ދުވަސްކޮޅެއްގެ ތެރޭގައި، މީހެއްގެ ހޭވެރިކަމާއި، ކަންކަމަށް ސަމާލުކަންދޭ މިންވަރާއި، އެ މީހަކަށް ކަންކަން ފަހުމު ވާ މިންވަރު ބަދަލުވުމަށް ކިޔާ ނަމަކެވެ. މި ހާލަތް މެދުވެރިވަނީ ނުހަނު ހަލުވިކަމާއެކުއެވެ. މިހެން ދިމާވުމުން ދުވާލުގެ އެކިވަގުތުތަކުގައި މީހާގެ ބަލިހާލަތު ހުންނަވަރު ތަފާތުވާނެއެވެ. 

ޑިލީރިއަމްގެ ފުރުސަތު (ރިސްކު) ބޮޑީ ކޮންބަޔަކަށް؟

އޮޕަރޭޝަނެއް ކުރެވޭ ވަގުތަކީ، ޑިލީރިއަމް ފަދަ ނޭދެވޭ އަސަރުތަކަށް ސިކުނޑި ހުށަހެޅޭމިންވަރު އިތުރުވާ ވަގުތުތެކެވެ. އޮޕްރޭޝަނަކަށް މީހާ ހުށަހެޅޭ ހިސާބުންފެށިގެން ގޮސް އޮޕަރޭޝަނުގެ ކަންކަމުން މީހާ އަރައިގަންނަންދެން (ޕެރިއޮޕަރޭޓިވް ޕީރިއަޑުގައި) މި ދެންނެވި ރިސްކު ދެމިގެންދެއެވެ. މި ގޮތުން، އޮޕަރޭޝަނެއް ކުރެވުމުގެ 10 މިނެޓު ފަހުންފެށިގެން ހަތްދުވަހާއި ހަމައަށް ޑިލީރިއަމްގެ އަލާމާތްތައް ފެނުމުގެ ފުރުސަތުއޮވެއެވެ.

އުމުރުން ދުވަސްވުމާއި، ސިކުނޑީގެ ބައްޔެއް ތަހައްމަލު ކުރަމުން ދިޔުމާއި، އާންމު ސިއްހީ ހާލަތް ދައްވުމަކީ ޑިލީރިއަމްގެ ރިސްކު އިތުރުވާ ކަންކަމެވެ. އޮޕަރޭޝަނުގެ ޒާތުންވެސް މި ރިސްކު އިތުރުވެއެވެ. އަތްފައިގެ އޮޕަރޭޝަންތަކާއި އަޅާކިޔާއިރު، މޭމަތި ނުވަތަ ބަނޑުގެ އޮޕަރޭޝަން ތަކުގައި މި ރިސްކު ބޮޑެވެ. އޮޕަރޭޝަނަކަށްފަހު އައި.ސީ.ޔޫ ބޭނުންވާ ހާލަތްތަކުގައި ޑިލީރިއަމްގެ ރިސްކު ކޮންމެ ދެމީހަކުން އެކަކަށް ދިމާވެދާނެއެވެ. އެމެޖެންސީ ހާލަތްކުގައި ވެސް ޑިލީރިއަމްގެ ރިސްކު އުޅެނީ އެހާ މަތީގައެވެ. އުކުޅުވަޅު ބިނދުމުން ކުރެވޭ އޮޕްރޭޝަނަކީ ޑިލީރިއަމްގެ ރިސްކު އެންމެ މަތި އެއް އޮޕަރޭޝަނެވެ. 

ޑިލީރިއަމްއަކީ ކިހާ އާންމު ކަމެއް؟

ޑިލީރިއަމްއަކީ ހީކުރާވަރަށްވުރެ އާންމު ކަމެކެވެ. އެމެރިކާގެ ހޭނައްތާ ޑޮކްޓަރުންގެ ސޮސައިޓީއިން (އެމެރިކަން ސޮސައިޓީ އޮފް އެނެސްތީސިއޮލޮޖިސްޓްސް) އަންދާޒާކުރާ ގޮތުން ނަމަ، (ހިތުގެ އޮޕަރޭޝަން އިސްތިސްނާކުރުމަށްފަހު) އެނެސްތީސިއާދެވޭ މަލިމީހުންގެ ތެރެއިން %50-13 ބަލިމިހުންނަން އޮޕަރޭޝަނުގެ ތެރޭގައި ޑިލީރިއަމްގެ ހާލަތް މެދުވެރިވެއެވެ. އޭގެ ސަބަބުން އެބަލީގެ ފަރުވާއަށް ސިއްހީ ނިޒާމަށް އަހަރެއްގެ މައްޗަށް 164 މިލިއަން ޑޮލަރު އިތުރުވެއެވެ.

2021 އަހަރު، ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިބަލީގެ އަސަރުކުރާ މިންވަރު ބަލުމަށްޓަކައި ހެދި ދިރާސާއަކުން ދައްކާގޮތުގައި، ހިތުގެ އޮޕަރޭޝަންނޫން އެހެން އޮޕަރޭޝަންތައްކުރާ ބަލިމީހުންގެ ތެރެއިން، އެވެރެޖްކޮށް %20 މީހުންނަށް ޑިލީރިއަމްގެ ހާލަތް މެދުވެރިވެއެވެ. މިދިރާސާއިން ދައްކާގޮތުގައި، އެވްރެޖްކޮށް މިބަލިޖެހޭ އުމުރަކީ 41 އަހަރާއި 84 އަހަރެވެ. ދިވެހިރާއްޖޭގައި، ޑިލީރިއަމްގެ ހާލަތް މެދުވެރިވާ މިންވަރާއި، އޭގެ ސަބަބުތަކާއި، ބަލީގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތައް ބެލުމަށް އަދި ދިރާސާއެއް ހެދިފައެއްނުވެއެވެ.

ޑެލީރިއަމްގެ ޢަލާމާތްތަކަކީ ކޮބާ؟

ހޭވެރިކަމަށް ބަދަލުއައުން: މިސާލަކަށް، ކަންކަމަށް ދެވޭ ސަމާލުކަން ކުޑަވެ ކުރެވޭ ސުވާލެއްގެ ޖަވާބަކަށް ކަމާ ނުގުޅޭ ޚިޔާލެއް ނުވަތަ ވިސްނުމެއް ތަކުރާރުކޮށް ހާމަކުރުން. 

ވިސްނުމުގެ ކުޅަދާނަކަމަށް ބަދަލުއައުން: މިސާލަކަށް، އަވަސް އަވަހަށް ހަނދާން ނެތުން، ހުރި ތަނާއި ވަގުތު ފަހުމް ނުވުން، ލިޔެކިޔުމާއި ދެކެވޭ ވާހަކަ ދޭހަވުމަށް އުނދަގޫވުން.

އުޅުމަށް ބަދަލު އައުން: މިސާލަކަށް ނުވާކަންކަން ފެންނަކަމެއް ސިފާގައި ބަޔާންކުރުން. ހަރަކާތް ލަސްވުން ނުވަތަ ނިދުމަށް އަންނަ ބަދަލު ފާހަނގަވުން

އިޙުސާސްތަކަށް އަންނަ ބަދަލުތައް: މިސާލަކަށް، އަވަސް އަވަހަށް މިޒާޖު ބަދަލުވުން، ސަބަބަކާ ނުލައި ފުން ހިތާމައަކަށް ދިޔުން ނުވަތަ ބޮޑު އުފާވެރިކަމެއް އައުން. 

ޑިލީރިއަމްގެ ނެދެވޭ އަސަރުތައް

ޑިލީރިއަމްގެ ހާލަތު އަވަހަށް ދެނެގަނެވި މިކަމަށް އަވަސް ފަރުވާ ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ޑިލީރިއަމްއަކީ މީހާ ހޮސްޕިޓަލުގައި އެޑުމިޓުކޮށް ބާއްވައިގެން ފަރުވާދޭންޖެހޭ ވަގުތު އިތުރުވާކަމެކެވެ. އޮޕަރޭޝަނަކަށްފަހު ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދޭންޖެހުމަކީ ޖަރާސީމު އަށަގަތުމާއި، އެހެނިހެން ނޭދެވޭ އަސަރުތައް (ކޮމްޕްލިކޭޝަންތައް) އިތުރުވާ ކަމެކެވެ. އޮޕަރޭޝަނަށްފަހު އާންމު ހާލަތަކަށް އައުމަށް ކުރާ މަސައްކަތައް އޭގެ ސަބަބުން ލަސްކަމެއް އާދެއެވެ. ހަމައެހެންމެ، ސިއްޙީ ޚަރަދުތައް އިތުރުވާ ކަމެކެވެ. ޑިލީރިއަމްގެ ސަބަބުން މީހާގެ ތޫނުފިލިކަމާއި ހޭވެރިކަން އަންނަ ބަދަލު ދިގު މުއްދަތަކަށް ދެމިގެން ހިނގައިދާނެއެވެ.

ޑިލީއަމްގެ ހާލަތުން ރައްކާތެރިވުން.

މިބަލިހުރިކަން އެނގުމުން މިބަލިން އަރައިގަތުމަށް ދެވޭ ބޭހާއި އިތުރު ފަރުވާ ހުރެއެވެ. ނަމަވެސް އެންމެ ރައްކާތެރި އަދި ފައިދާބޮޑު ގޮތަކީ ހާލަތް މެދުވެރިވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމެވެ. މި ކަންކަމަކީ، ބަލިޖެހުމުގެ ފަހުންވެސް ބަލިމީހާގެ އަލާމާތްތައް ދައްކުރުމަށް އެހީތެރިވެދޭނެ ކަންކަމެވެ. ކެނަޑާގެ ޓޮރޮންޓޯ ރީޖަނަލް ޖޭރިއޭޓްރިކް ޕްރޮގްރާމްއިން، މިބަލިޖެހޭ ނިސްބަތް މަދުކުރުމަށް ކުރެވިދާނެ ހަކަމެއް ފާހަގަކޮއްފައިވެއެވެ.

  1. ސިކުނޑީ ގެ މަސައްކަތް ދެމެހެއްޓުން: ކޮންމެދުވަހަކުވެސް އިޖްތިމާޢީ ގުޅުން ބަދަހިކުރުން، ފޮތްކިޔުން، އެމީހަކަށް ކަމުދާ އެއްޗެއް އަޑުއެހުން، ސިކުނޑި ތަމްރީނުކުރުމުގެ ކުޅިވަރުތައް ކުޅުމަށް ބާރުއެޅުން، މަހާއި ދުވަހާއި އަހަރު އެނގޭނޭހެން ތާރިހު ހަނދާންކޮށްދިނުން. 

  2. ހަރަކާތްތެރިވުން: ދުވާލަކު މަދުވެގެން ތިންފަހަރު ހަރަކާތްތަކުގައި ބައިވެރިވުމަށް ބާރުއެޅުން. މިސާލަކަށް، ހިނގާލަން ދިޔުން، ކަސްރަތުކުރުން.

  3. ރަނގަޅަށް ނިދުން: މީހާގެ ނުތަނަވަސްކަން ދުރުކޮށްދޭ ކަންކަން ކުރުމާއި، ރަނގަޅު ނިންޖަކަށް ބޭނުންވާ ކަންކަން ފާހަގަކޮށް އެ ކަންކަން ކުރަން ބާރު އެޅުން.

  4. ފެނުމާއި އަޑުއިވުމުގެ އެހީތެރިކަން: އަޑުއިވުމުގައި އެހީތެރިވެދޭ އާލާތްތަކާއި އައިނު، ބޭނުންވެއްޖެ ހިނދެއްގައި ބޭނުންކުރުމަށް ބާރުއެޅުން.

  5. ހަށިގަނޑުން ފެން މަދުވިޔަނުދިނުން: ހަށިގަނޑުން ފެންމަދުވުން ދުރުކުރުމަށްޓަކައި، މުޅިދުވަހުވެސް އެކަށޭނަ މިންވަރަކަށް ދިޔާތަކެތި ބޭނުންކުރުން.

  6. ކެއުން: ދުވާލު ހުރިހާއިރަކުވެސް ފައިދާހުރި ކާނާ ކެއުމާއި، ވީވަރަކުން ޖަމާތުގައި ކެއުމަށް ބާރުއެޅުން.

ނިންމާލުން

ޑިލީރިއަމްއަކީ އޮޕަރޭޝަނަކަށް ހުށަހެޅޭ ކޮންމެ މީހަކަށް ދިމާވެދާނެ ހާލަތެކެވެ. މި ބަލީގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ބަލި އަވަހަށް ދެނެގަތުން މުހިންމެވެ. ބަލިމީހާގެ ހޭވެރިކަމަށް ނުވަތަ ސަމާލުކަންދިނުމަށް ބަދަލެއް އަންނަކަން ފާހަނގަކުރެވޭ ނަމަ ޑޮކްޓަރުގެ ސަމާލުކަމަށް އެކަން ގެނައުން މުހިންމެވެ.

ލިޔުނީ: އަހުމަދު މިދުހަތު


Next
Next

ލޭބަރ އެޕިޑުރަލް އެނެލްޖީސިޔާ