ލޭބަރ އެޕިޑުރަލް އެނެލްޖީސިޔާ

އެޕިޑުރަލް ކެތެޓަރ އަކީ ކޮބާ؟

އެޕިޑުރަލް ކެތެޓަރ އަކީ ކައްޓެއްގެ ޒަރިއްޔާއިން މައިބަދައިގެ ވަށައިގެންވާ ފަށަލައެއް ކަމަށްވާ "އެޕިޑުރަލް ސްޕޭސް" ގެ ތެރެޔައް ލައްވާލާ ހިމަ ހޮޅިކޮޅެކެވެ. މި ހޮޅިކޮޅަކީ މައިބަދައިގެ ނާރުތަކުގެ ކައިރިޔަށް ލައްވާލެވޭ ހޮޅިކޮޅެކެވެ. މި ހޮޅިކޮޅުގެ ޒަރިއްޔާއިން އެކަމަށް ހާއްސަ އައްސިކުރާ ބޭސް ދިނުމުން ތަދު ކޮންޓްރޯލް ކުރުމަށް އެހީވެދެއެވެ. މި ވަސީލަތަކީ އެކި ކަހަލަ ބަނޑުގެ އޮޕަރޭޝަންތަކާއި، ފައިގެ އޮޕަރޭޝަންތަކުގައިވެސް ތަދު ކެނޑުވުމައް ބޭނުންކުރާ ވަސީލަތެކެވެ. މި ލިޔުން މި ހާއްސަކޮއްލަނީ ވިހެއުމުގެ ތަދު ކެނޑުވުމަށް ބޭނުންކުރާ ލޭބަރ އެޕިޑުރަލްއެނެލްޖީސިއާއަށެވެ. މި ލިޔުމުގައި އެޕިޑުރަލް ކެތެޓަރ ލައްވަނީ ކިހިނެއްކަމާއި، އޭގެ ފައިދާތަކާއި، ލިބިދާނެ ގެއްލުންތަކަށް އަލިއަޅުވާލެވިފައިވާނެއެވެ.

 

އެޕިޑުރަލް ކެތެޓަރ ލައްވަނީ ކިހިނެއް؟

އެޕިޑުރަލް ކެތެޓަރ އާންމުގޮތެއްގައި ލައްވާނީ ވިހެއުމަށް ވިއްސާކޮޓަރިއަށް ވެއްދުމަށްފަހު، އެކަމަށް ހާއްސަކޮށް ތަމްރީނުވެފައިވާ އެނެސްތީސިއޮލޮޖިސްޓް ނުވަތަ ހޭނައްތާ އައްސިކުރުމުގެ ހާއްސަ ޑޮކްޓަރެކެވެ. ކެތެޓަރ ލެއްވުމުގެ ކުރިން އަތައް އައިވީ ކެނުއާލާއެއް ޖަހާނެއެވެ. އަދި ލޭގެ ޕްރެޝަރާއި، ހިތުގެ ވިންދާއި، އޮކްސިޖަންގެ މިންވަރު ވަގުތުން ވަގުތުން މޮނީޓަރކުރެވޭނެއެވެ. އެއަށްފަހު އެޕިޑުރަލް ކެތެޓަރ ލައްވާލުމަށްޓަކައި އެނދުގެ ހުރަހަށް އިށީންދެލަން، ނުވަތަ އެއް އަރިއަކަށް އޮށޯވެލަން ބުނާނެއެވެ. މި ކެތެޓަރ ލެއްވުމަށްޓަކައި ބުރަކަށި ބައިންދަންވާނީ ވީހާވެސް ބޮޑަށް ބޭރަށް ގުދުކޮށްލާފައެވެ. އޮށޯވެގެން ނަމަ ބުރަކަށި ގުދުކޮށްލުމަށްފަހު ދެކަކޫ ވީހާވެސް ބޮޑަށް މެޔާހަމައަށް ގެންނަންވާނެއެވެ. އަދި ދަތްދޮޅި މޭގައި ޖެހޭނެހެން ބޯ ތިރިކޮށްލަން ވާނެއެވެ. 

ކެތެޓަރ ލެއްވުމަށް ބޭނުންކުރާނީ ސާފު (ސްޓެރައިލް) ކަމަށް ހާއްސަ އާލާތްތަކެކެވެ. އަދި ބުރަކަށިވެސް ޖަރާސީމުމަރާ ބޭހަކުން ސާފްކުރުމަށްފަހު، ކެތެޓަރ ލައްވާ ސަރަހައްދު (ބުރަކަށީގެ ތިރީބައި) ކުޑަ އިންޖެކްޝަނެއްގެ ޒަރިއްޔާއިން އައްސިކޮއްލާނެއެވެ. މި އިންޖެކްޝަން ޖަހާގަޑީގައި ކޮންމެވެސް ވަރަކަށް ތަދުވެ ދިލަނެގުން އެކަށީގެންވެއެވެ. ދެން އެޕިޑުރަލް ކެތެޓަރ ލެއްވުމަށްޓަކައި ބޭނުންކުރާ ކަށި ޖަހާ ވަގުތު ބުރަކައްޓައް ބާރުވާކަހަލަ އިހުސާސެއް ނުވަތަ ބުރަކަށިން އެއްޗެއް ދާ ކަހަލަ އިހުސާސެއް ވާނެއެވެ. ކެތެޓަރ ލައްވަން ޖެހޭ ފަށަލަ ނުވަތަ "އެޕިޑުރަލް ސްޕޭސް" އާ ހަމަޔަށް ކަށި ގެންދެވުމުން ދެން ހިމަ ހޮޅިކޮޅެއް ލައްވާލުމަށްފަހު ކުރިން ލެއްވި ކަށި ނަގައި، ހޮޅިކޮޅު ބުރަކަށީގައި ހަރުކޮއްލެވޭނެއެވެ.

އެކި ބޭފުޅުންގެ އުފެދުމުގައި ހުންނަ ތަފާތުތުތަކަކުން ނުވަތަ ހަށިގަނޑުގެ ބަރުދަން އިސްކޮޅާ ބަލާފައި (ބީ.އެމް.އައި) މަތިވުމުގެ ސަބަބުން މި ކެތެޓަރ ލެއްވުމަށް އުނދަގޫވެ، ގިނަ ވަގުތު ނެގުމަކީ އެއީ އެކަށީގެންވާ ކަމެކެވެ. މި ވަގުތުގެ ތެރޭގައި ކުރިން ދެންނެވި ގޮތަށް ބުރަކަށި ގުދުކޮށްފައި ބޭންދުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ކެތެޓަރ ލެއްވުމުގެ މަސައްކަތް ކުރާ ވަގުތު ބަނޑުގައި ރިހޭނަމަ އެވަގުތުކޮޅަށް މަޑުކޮއްލާނެއެވެ. 

 

އެޕިޑުރަލް ލެއްވުމަށްފަހު ދެން ވާނީ ކިހިނެއް؟

މި ކެތެޓަރ ލެއްވުމަށާއި ތަދު ކެނޑުމަށް ގާތްގަނޑަކަށް 40 މިނިޓު ނަގައެވެ. އެއީ ކެތެޓަރ ލެއްވުމަށް 20 މިނެޓު އަދި ތަދު ކެނޑުމަށް 20 މިނެޓު އިރެވެ. މި ކެތެޓަރގެ ގެ ޒަރިއްޔާއިން، ކުޑަ މެޝިނެއްގެ އެހީގައި މަޑުމަޑުން ތަދު ކަނޑުވާ ބޭސް ދެމުން ގެންދާނެއެވެ. މި ބޭސް ދެމުންގެންދާއިރު، ތަދު ކޮންޓްރޯލްވާ މިންވަރާއި، އައްސިކަން އަންނަ މިންވަރު އަދި ފައިގެ ބާރު ހުންނަ މިންވަރު ގަވައިދުން ބަލަމުން ގެންދާނެއެވެ. މީގެ އިތުރުން ލޭގެ ޕްރެޝަރާއި، ހިތުގެ ވިންދާއި، އޮކްސިޖަން ހުންނަ މިންވަރުވެސް ބަލަމުން ގެންދާނެއެވެ. މި ބޭސް އާންމުކޮށް ވިހެއުމުގެ ކުޑަ ކުޑަވަގުތުކޮޅެއް ކުރިން ހުއްޓާލާނެއެވެ. އެވަގުތާ ހަމަޔައް ބޭސްދިނުން ކުރިޔަށް ގެންދެވޭނެއެވެ. އެއްބައި ފަހަރަށް ކުޑަ ބޭސްކޮޅެއް "ޓޮޕް-އަޕް" ގެ ގޮތުގައި ބޭނުންވެއްޖެ ހާލަތުގައި ދޭނެއެވެ. އެޕިޑުރަލްގެ ޒަރިއްޔާއިން ބްލޮކް ކުރަނީ ހަމައެކަނި ތަދާއި ހިއްސުތައް ކަމުން، ވިހާވަގުތު "ޕުޝް" ކުރެވޭނެއެވެ. އެޕިޑުރަލް ލިބެމުންދާވަގުތު ހަށިގަނޑު ހަރަކާތްކޮށް، އިށީންދެ ހެދުމުގައި ދަތިކަމެއް ހުރެގެން ނުވާނެއެވެ.

 

ބަނޑުގައި އޮންނަ ދަރިފުޅައް މީގެ ސަބަބުން ގެއްލުމެއް ވެދާނެތަ؟

އެޕިޑުރަލް ކެތެޓަރގެ ޒަރިއްޔާއިން ދޭ ބޭސް ދޫކުރެވެނީ އެޕިޑުރަލް ސްޕޭސްގެ ތެރެޔަށެވެ. މި ފަށަލައިން ލޭގެ ތެރެޔަށް ބޭހުގެ އަސަރު ދާނީ ވަރަށްވެސް ކުޑަ މިންވަރަކަށެވެ. އެހެންކަމުން ބަނޑުގައި އޮންނަ ދަރިފުޅައް މިކަމުގެ ސަބަބުން ނޭދެވޭ އަސަރެއް އަތުވެދާނެކަމުގެ ހެއްކެއްދިރާސާތަކުންވެސް ފެންނާކަށް ނެތެވެ. އަދި އެޕިޑުރަލްގެ ސަބަބުން ވިހެއުމުގެ މަރުހަލާތައް ދިގުލާކަމަކަށްވެސް ދިރާސާތަކުން ނުދައްކައެވެ. މީގެ އިތުރުން ސިޒޭރިޔަން އަކަށް ދިޔުމުގެ ފުރުސަތުވެސް ވަކި އިތުރެއް ނުކުރެއެވެ.

 

އެޕިޑުރަލްއިން ލިބޭ ފައިދާއަކީ ކޮބާ؟

އެޕިޑުރަލް އެނެލްޖީސިއާ އަކީ ވިހެއުމުގެ ތަދު ކެނޑުވުމަށް ލިބެންހުރި ވަސީލަތްތަކުގެ ތެރެއިން މިހާތަނަށް އެންމެ ރަނގަޅަށް ވިހެއުމުގެ ތަދު ކަނޑުވާކަމަށް ފާހަގަވެފައިވާ ވަސީލަތެވެ. މީގެ ސަބަބުން ވިހެއުމުގެ ވޭންވަރު ކުޑަކޮށް، ވިހެއުމަކީ ބަލިމީހާ ހިތްހަމަޖެހޭ ޕޮސިޓިވް ތަޖުރިބާއަކަށް ވެއެވެ. ވިހަންވަންދެންވެސް ބަލިމީހާއާއި އެހީތެރިޔާއަށް އަރާމުކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން، ވިހާ ވަގުތު ބަލިމީހާގެ ހަކަތަ ގެއްލިގެންދިޔުމުން ދުރުކޮށްދެއެވެ. އަދި ވިހެއުމުގެ ހާއްސަ ވަގުތުކޮޅު ވޭނުގައި އޮތުމުގެ ބަދަލުގައި، އެވަގުތަކީ އުފާވެރި ވަގުތުކޮޅަކަށް ހަދައިދެއެވެ. މީގެ އިތުރުންއިމަޖެންސީ ހާލަތެއް މެދުވެރިވެ، ސިޒޭރިއަން ސެކްޝަންއެއް ހަދަންޖެހިއްޖެކަމަށްވާނަމަ، އެޕިޑުރަލ ކެތެޓަރގެ ޒަރިއްޔާއިން އައްސިކުރާ ބޭސްދީން އޮޕަރޭޝަނަށް އައްސިކުރަން ފަސޭހަވެގެންދެއެވެ.

 

އެޕިޑުރަލް އެނެލްޖީސިއާގެ ނޭދެވޭ އަސަރުތަކަކީ ކޮބާ؟

އެޕިޑުރަލް ގެ ޒަރިއްޔާއިން ދޭ ބޭހުގެ ސަބަބުން އެންމެ އާންމުކޮށް ދިމާވާ އެއްކަމަކީ ލޭގެ ޕްރެޝަރ ދައްވުމެވެ. ލޭގެ ޕްރެޝަރާއި، ހިތުގެ ވިންދާއި، އޮކްސިޖަން މޮނީޓަރ ކުރުން މުހިންމުވަނީ މި ސަބަބައްޓަކައިއެވެ. ޕްރެޝަރ ދައްވެއްޖެ ކަމަށްވާނަމަ އައިވީ އެއް ދީގެން، ނުވަތަ ޕްރެޝަރ މަތިކުރަން އެކަމަށް ހާއްސަ ބޭސްދީގެން އެކަން ހައްލުކުރެވޭނެއެވެ. 

މީގެ އިތުރުން ކުރުމުއްދަތަކަށް ބުރަކަށީގައި ރިއްސުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ އެޕިޑުރަލް ލެއްވުމަށް ބޭނުންކުރާ ކަށި ލައްވާ އިރު، ހަށިގަނޑުގެ އެތެރެއިން އެތައް ފަށަލައެއް ހުރަސްކޮށްފައި ދިޔުމެވެ. މި ތަދަކީ އާންމުގޮތެއްގައި ކުރު މުއްދަތަކަށް ހުންނަ ތަދެކެވެ. ދިގު މުއްދަތަކަށް ބުރަކަށީގައި ރިއްސާނަމަ، އެއީ އެޕިޑުރަލްއަށްވުރެ، ސީދާ މާބަނޑުވުމާ ގުޅިގެން މައިބަދައަށް އަންނަ ޕްރެޝަރގެ ސަބަބުންކަމަށްވުން އެކަށީގެންވެއެވެ. އެއީ އެޕިޑުރަލްގެ ސަބަބުން ކަމަކަށް ދިރާސާ ތަކުންވެސް ނުދައްކައެވެ.

މީގެ އިތުރުން ގައި ހިރުވުމާއި، ފަޔަށް ބަރުވުމާއި، ބޮލުގަރިއްސުމާއި އެޕިޑުރަލް ރަނގަޅަށް މަސައްކަތް ނުކުރުމަކީ އެޕިޑުރަލް ކެތެޓަރގެ ސަބަބުން ވުން އެކަށީގެންވާ ކަންކަމެވެ.

އެޕިޑުރަލް ކެތެޓަރގެ ސަބަބުން ދިމާވެދާނެ ސީރިޔަސް މައްސަލަތަކުގެ ތެރޭގައި، އައްސިކުރާބޭސް ލޭގެ ތެރެޔަށް އިންޖެކްޓްކުރެވިއްޖެނަމަ ވިހަވުން، އިންޖެކްޝަން ޖަހާ ސަރަހައްދުގައި ޖަރާސީމު އަށަގަތުން، މައިބަދައިގާ ލޭކޮޅެއް ގަނޑުވުން، އަދި ނާރަކަށް ގެއްލުންވުން އެކަށީގެންވުން ހިމެނެއެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ، ކޮންމެ ޕްރޮސީޖަރއަކީ ވެސް އެކަމުގެ ނޭދެވޭ އަސަރުތައް ހުންނާނެ ކަމެކެވެ. މިފަދަ ސީރިޔަސް މައްސަލަތަކަކީ ވުން އެކަށީގެންވާ ކަންކަމަށްވިޔަސް ވަރަށް މަދުން ނޫނީ ނުފެންނަ ކަންކަމެވެ. ނަމަވެސް ބަލިމީހާއަށް މިކަންކަން އެނގިފައި އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ.

ބޮލުގައި ރިއްސުން: މިކަން ދިމާވަނީ ކޮންމެ 200 މީހަކުން 1 އަށެވެ. 

އެޕިޑުރަލް ރަނގަޅައް މަސައްކަތް ނުކުރުން: މިކަން ދިމާވަނީ ކޮންމެ 8 މީހަކުން 1 އަށެވެ.

ނާރުތަކައް ދާއިމީ ގެއްލުންވުން: މިއީ ވުން ވަރަށް ނާދިރު ކަމެކެވެ. މިކަން ދިމާވަނީ ކޮންމެ 24،000 މީހަކުން 1 އަށެވެ. 

ފަޔަށް ބަރުވުން: މިކަން ދިމާވެއްޖެނަމަ އެޕިޑުރަލްގެ ޑޯޒްއަށް ބަދަލުގެނެސްގެން ހައްލުކުރެވޭނެއެވެ. 

 

ނިންމާލުން

އެޕިޑުރަލް ކެތެޓަރގެ ޒަރިއްޔާއިން ދެވޭ ލޭބަރ އެޕިޑުރަލް އެނަލްޖީސިޔާއަކީ ވިހެއުމުގެ ތަދު ކެނޑުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކާމިޔާބުކަމާއިއެކު ބޭނުންކުރަމުން އަންނަ ވަސީލަތެކެވެ. މި ވަސީލަތަކީ ރާއްޖޭގައިވެސް ކުރިއަރަމުން އަންނަ، ގިނަ ބަޔަކު އެ ހިދުތަމެއް ހޯދަމުން އަންނަ ކަމެކެވެ. މި ހިދުމަތް އައި.ޖީ.އެމް.އެޗްގައި ތަޢާރަފް ކުރެވުނީ 2023 ވަނަ އަހަރުއެވެ. މި ހިދުމަތަކީ މިވަގުތު އާންމުކޮށް މާލެ ސަރަހައްދުގައި ދެވޭހިދުމަތަކަށް ވިޔަސް، އުންމީދަކީ ކުރިޔަށް އޮތް ތަނުގައި ރާއްޖޭގެ އެކި ހިސާބުތަކަށް މި ހިދުމަތް ފުޅާވެގެން ދިޔުމެވެ.

ތަދަށް ފަރުވާލިބުމަކީ ކޮންމެ އިންސާނަކަށްވެސް ލިބެން ޖެހޭ އަސާސީ ހައްގެކެވެ. އަދި ވަކިން ޙާއްސަކޮށް ވިހެއުމުގެ ތަދަކީ ނުހަނު ވޭންހުރި ކަމަކަށް ވާއިރު، ވިހެއުމުގެ ތަދަކީ މަޔަކަށް ވުމަށްޓަކައި ކޮންމެހެން ތަޙައްމަލްކުރަންޖެހޭ ކަމެއް ކަމަށް ދިވެހިންގެ ތެރޭގައި އޮތް ވިސްނުން ދޫކޮށް، މިފަދަ ވަސީލަތްތައް ލިބެންއޮތް ޒަމާނެއްގައި އެކަމުގެ ފައިދާ ލިބިގަތުމަކީ ހަމަ ކޮންމެ މީހެއްގެވެސް ޙައްގެކެވެ

ލިޔުނީ: ސޫޒަން އިސްމާއިލް


Previous
Previous

ޕޯސްޓް އޮޕަރޭޓިވް ޑިލީރިއަމް

Next
Next

އެނެސްތީސިއާ ދުވަސް: މަސައްކަތްތެރިންގެ ދުޅަހެޔޮކަން