އޮކްޓޯބަރު 16، 1846: އޮޕަރޭޝަންތަކުގެ ވޭންދެނިވި ކަމުގެ ނިމުމުގެ ފެށުން

އަންޒަމާނުއްސުރެ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ބޭސްވެރިން އެކި އޮޕަރޭޝަންތައް ނުވަތަ ފަރުވާއެއްގެ ގޮތުން ހަށިގަނޑު ފެޅުމަކީ ކުރަމުން އައި ކަމެކެވެ. ގައިގެ އެކި ތަންތަނުގައި ހުންނަ މަސް (ޓިއުމަރު) ނެގުމާއި އަތްފައި ބުރިކުރުމާއި ހިތާނުކުރުން ފަދަ އޮޕަރޭޝަންތަކަކީ އަބަދުވެސް ކުރަންޖެހުނު ކަންކަމެވެ. އަޅުގަނޑުމެންގެ ދެކުނު އޭޝިއާ ސަރަހައްދަށް ބެލިކަމުގައި ވިޔަސް، މީގެ 2800 އަހަރު ކުރިން އިންޑިއާގައި ދިރިއުޅުނު ސުޝްރުތާ އަކީ ސާޖަރީގެ ތާރީހުގައި ފާހަގަކުރެވޭ ބޭފުޅެވެ.

މިހާރު އަޅުގަނޑުމެން މި ދަންނަ އެނެސްތީސީއާގެ ފަންނު (ހޭނެއްތުމުގެ ޑަކްޓަރީކަން) ނުވަތަ އަޅުގަނޑު ކިޔާގޮތުން ނަމަ އަހިއްސުންތެރިކަން ކުރިއަރާފައި ނެތުމުން، ދާދި ފަހަކާ ޖެހެންދެން މިދެންނެވި ފަދަ އޮޕަރޭޝަންތަކަކީ ވޭންދެނިވި އަދި އެހާ ރައްކާތެރިނޫން ގޮތަކަށް ކުރަންޖެހުނު ކަންކަމެވެ. ރާއްޖޭގައި ވެސް މުލިހި ނެގުމުގަ އާއި ފާރުގަނޑުގައި ދޮންވަޅިޖެއްސުމުގެ ވޭނުގެ ވާހަކަ އަކީ މުސްކުޅީންގެ ފަރާތުން އަޅުގަނޑުމެންނާ ހަމައަށް އައިސްފައި ހުރި ވާހަކަތަކެވެ.

ތަދާއި ވޭނާ ނުލައި ރައްކާތެރިކަމާ އެކު އޮޕަރޭޝަން ކުރުމަކީ އިހަށް ވެސް އިންސާނުން ގަބޫލުކުރިކަމެކެވެ. ތާރިހީ ގޮތުން ބަލާއިރު އެކަން ހާސިލުކުރުމަށްޓަކައި އެކި އުކުޅުތައް ބޭނުންކޮށްފައި އެބަހުއްޓެވެ. ފަތްޕިލާވެލީގެ ބައެއް ބާވަތްތަކުން ހެޔަށް އަސަރުކޮށް ތަދު އިހުސާސްވުން ދަށްކޮށްދޭ ކަމަކީ ޒަމާނުއްސުރެ އިންސާނުން ދަނެތިބި ކަންކަމެވެ. ބަނގުރަލާއި އަފިހުނުގެ "މަސްތުގައި" ޖެހުމުން ހޭވެރިކަން ގެއްލޭކަމާއި އެ ވަގުތު ލިބޭ އަނިޔާތައް ތަދަކާ ނުލައި ތަހަންމަލުކުރާކަން އޮތީ ފެނިފައެވެ.

މި "އިލްމުގެ" ބޭނުން ބޭސްވެރިން ވެސް ދިޔައީ އެކި ސިފަސިފައިގައި ހިފަމުންނެވެ. މިގޮތުން، ކުރިން ބަޔާންކުރި ސަޝްރުތާގެ ފޮތްކަމުގައިވާ "ސަޝްރުތާ ސަމްހިތާ" ގައި ބަޔާންކޮށްފައިވާ ގޮތުން އޮޕަރޭޝަންކުރުމަށް ހޭނެއްތުމަށްޓަކައި ބަނގުރަލާއި ގަންޖާގެ ބޭނުން އޭނާ ކޮށް ފައިވެއެވެ. މިސްރާއި ޗައިނާ އަދި އިންޑިޔާގައި އަފިހުނަކީ ވެސް މިގޮތުން ބޭނުންކުރެވުނު ފަތްޕިލާވެލީގެ އުފެއްދުމެކެވެ. އަފިހުނަކީ ދިވެހި ބޭސްވެރިކަމުގައި ވެސް ވަރަށް ފަހަކާޖެހެންދެން ވެސް ބޭނުންކުރި ބޭހެކެވެ.

އިސްލާމީ ދުނިޔެއަށް ބަލާއިރު ނޭފަތަށް އަފިހުން އަޅައިގެން ތަދުކުޑަކުރާނޭ ގޮތުގެ އިތުރަށް ނޭވާލުމަށްޓައި ނޭވާހޮޅިއަށް ރަން ނުވަތަ ރިހި ހޮޅިއެއް ލައްވައި ބޭނުންކުރާނޭ ގޮތް އިބްނި ސީނާ އޭނާގެ ބޭސްވެރިކަމުގެ ފޮތެއްކަމަށްވާ "ގާނޫނު ފީ އަލް-ޠީބު"ގައި ބަޔާންކޮށްފައިވެއެވެ. މިއީ މިހާރުވެސް އެނެސްތީސިއާގައި ޒަމާނީ ބަދަލުތަކާއި އެކު ބޭނުންކުރަމުންދާ އުކުޅެކެވެ.

ދެން އެނެސްތީސިއާއަށް ލިބުނު ކުރިއެރުމަކީ ނޭވާލާ ނިޒާމުގެ ތެރެއިން ލާފައި ދެވޭ "ބޭސްތައް" ބޭނުންކުރުމުގެ ފަންނު ތަރައްގީވެގެންދިއުމެވެ. ބައެއް ކަހަލަ މާއްދާތަކުގެ ވަހާއި އާތްވާއި ދުމުގެ ސަބަބުން ހެއަށް އަސަރުކުރާ ކަމަކީ ވެސް އިންސާނުން މާކުރީއްސުރެ ދަނެތިބިކަމެކެވެ. ކެމިކަލް މާއްދާތައް ކަމަށްވާ ނައިޓްރަސް އޮކްސައިޑާއި، އީތާ އަދި ކޮލޮރޮފޯމުގެ އާވިން ތަދުކުޑަވާކަން ކޮންމެވެސް ވަރަކަށް 1700 ފަހުކޮޅުން ފެށިގެން ދެނެގަނެވިފައިވިޔަސް، ސައިންޓިފިކް ގޮތަކަށް މިކަން އޮތީ ނުދެއްކިއެވެ. ރައްކާތެރިގޮތުގައި މިއިން މާއްދާއެއް އިންސާނުންނަށް ދިނުމުގެ ހުރި ދަތިތަކާހެދި މިކަންއޮތީ ނުވެއެވެ. މިކަން ބަދަލުވެގެން ދިޔައީ 1840 ގެ ތެރޭގައި އޮޕަރޭޝަންކުރާ ޑޮކްޓަރުންނާއި ދަތުގެ ޑޮކްޓަރުން ކުރި ތަހުލީލުތަކުގައި މި "އާވިތައް" ބޭނުންކޮށް އެމީހުންގެ ބަލިމީހުންނަށް ވޭނާ ނުލައި އޮޕަރޭޝަންކޮށް ދަތް ނަގަން ފެށި ހިސާބުންނެވެ. ހުޅުވައިލެވިގެން އެންމެ ފުރަތަމަ ފަހަރަށް އެނެސްތީސިއާގެ (ހޭނައްތައިލުމެއް) ދައްކާފައިވަނީ އޮކްޓޯބަރު 16، 1846 ގައި ބޮސްޓަންގެ މަސަޗުސެޓް ޖެނެރަލް ހޮސްޕިޓަލުގައެވެ.

އެމެރިކާގެ ޑެންޓިސްޓެއް ކަމަށްވާ ވިލިއަމް ތޯމަސް ގްރީން މޯޓަންއަށް އޭނާގެ މުދައްރިސެއްގެ ފަރާތުން އީތައިލް އީތާ (އީތާ) ގައި ތަދުކުޑަކުރުމުގެ ބާރެއް ވާކަން އޮތީ އެނގިފައެވެ. (ބަސް ކުރުކޮށްލާފައި އާންމުކޮށް އީތާއޭ ކިޔާ މި ދިޔާ ބޭހަކީ ވަރަށް ފަސޭހައިން އާތްވަށް ބަދަލުވާ ބޭހެކެވެ. އީތާ އަޅާފައިވާ ކަފަކޮޅެއް ނޭފަތްކުރީގައި ޖައްސާލުމުން ލާ ނޭވާއާ އެއްކޮށް މި ބޭސް އާތްވަށް ބަދަލުވެއެވެ. މި އާވި ހަށިގަނޑަށް ފޮނުވާލައިގެން ވަރަށް ފަހަކާ ޖެހެންދެންވެސް ހޭނައްތައި އުޅުނެވެ.) މޯޓަން އޭނާގެ ބަލިމީހުންގެ ދަތްނެގުމައި މި އާވި ބޭނުންކޮށް ތަހުލީލުކޮށް މީގެ އަސަރުތައް ކަށަވަރުކުރިއެވެ. މިކަން ވެގެން ދިޔައީ އޭނާގެ ދަތުގެ ފަރުވާ ލިބިންގަންނަ ބަލިމީހުންގެ މެދުގައި މަގުބޫލުކަން ހޯދި ކަމަކަށެވެ. ތަދަކާނުލައި ދަތްނަގާ ވާހަކަ ވެގެން ދިޔައީ މީހުން ޝައުގުވެރިކުރުވި ވާހަކައަށެވެ. މިގޮތުން އިސާތަކު މި ވާހަކަ ނޫސްތަކަށް އަރައި އެ ހިސާބުގެ މަޝްހޫރު އޮޕަރޭޝަން ކުރާ ޑޮކްޓަރަކަށް މިކަން އެނގިއްޖެއެވެ. އަދި މި ދެމީހުންގެ ދެމެދުގައި މުއާމަލާތުކުރެވި ސާޖަރީތަކުގައި މި ބޭސް ބޭނުންކުރާނޭ ގޮތުގެ ވާހަކަ ދެކެވުނެވެ. މި މަޝްވަރާތަކުގެ ނަތީޖާއަކަށްވީ ބޮސްޓަންގައި ކުރަން ހަމަޖެހިފައި އޮތް ކަރުގެ އޮޕަރޭޝަނަކަށް މޯޓަންގެ މި ބޭސް ބޭނުންކޮށް އޭގެ އަސަރުތައް ދައްކާލަން އޭނާއަށް ފުރުސަތު ލިބިގެން ދިޔުމެވެ.

މި ދެންނެވި އޮޕަރޭޝަން ވެގެން ދިޔައީ ކާމިޔާބު އޮޕަރޭޝަނެއްގެ އިތުރުން ބަލިމީހާއަށް އެއްވެސް ވަރަކަށް ތަދު އިހުސާސް ކުރެވުމަކާ ނުލައި ކުރެވުނު އޮޕަރޭޝަނަކަށެވެ. އެ ދުވަސް ވެގެންދިޔައީ ބޭސްވެރިކަމުގައި އާ ބާބެއް ހުޅުވި އާ ދާއިރާއެއް ކުރިއެރުމުގެ މަގު ކޮށުނު ދުވަސްކަމުގައެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ ކަންކޮޅުތަކަށް މި ވާހަކަ ފެތުރި، އޮޕަރޭޝަނަކީ ރައްކާތެރިކަމާ އެކު ތަދު އިހުސާސްކުރެވުމަކާ ނުލައި ކުރެވިދާނެ ކަމެއްކަން މީހުން ބަލައިގަންނަން ފެށިއެވެ. އީތާގެ އިތުރުން އާ ކެމިކަލްތައް ބޭހުގެ ގޮތުގައި ތަހުލީލުކުރެވި ބޭނުންކުރަން ފެށިއެވެ. ހޭނެއްތުމާއި އައްސިކުރުމުގެ ފަންނު ތަރައްގީވެ ކުރީން ނުކުރެވުނު އެތަކެއް އޮޕަރޭޝަނެއް ކުރާން ފެށިއެވެ. މިއަދު އަޅުގަނޑުމެން މިދަންނަ ޒަމާނީ އެނެސްތީސިއާގެ ބިންގާއެޅުނީ އެދުވަހުއެވެ.

ވިލިއަމް ޓީ. ޖީ. މޯޓަން ގެ މި ކާމިޔާބު ދައްކާލުން ވެގެން ދިޔައީ ސާޖަރީގެ ވޭންދެނިވިކަމުގެ ނިމުމަށެވެ. އިސާހިތަކު ދުނިޔޭގެ ސަމާލުކަން ހޯދައި އެކި ހިސާބުތަކަށް ފެތުރުނު އާ އީޖާދަކަށެވެ. އޭނާގެ އެ ހޯދުން ދައްކާލި ދުވަސްކަމަށްވާ 16 އޮކްޓޯބަރު، މިއަދު އަޅުގަނޑުމެން ފާހަގަ ކުރަނީ ދުނިޔޭގެ އެނެސްތީސިއާ ދުވަހުގެ ގޮތުގައެވެ. މި އަހަރަކީ މި ގޮތުން މި ދުވަސް ފާހަގަކުރެވޭ 175 ވަނަ ފަހަރެވެ.

Previous
Previous

އެނެސްތީސިއާ ދުވަސް: ކެންސަރު ބަލީގައި އެނެސްތީސިއާގެ ދައުރު